#ދަގްރޭޓަރއައްޑޫ
އައްޑޫއަކީ ތާރީޚުގެ އެއްވެސް މަރުހަލާއެއްގައި އާދައިގެ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެއް ނޫން
ނަމަވެސް، މިއަދު އައްޑޫ ފަރަގުކުރެވިފައިވަނީ ބޭސްސިޓީއެއް ފަދަ ކުޑަ ޕްލޭނަކުން ކުޑަކަކޫ މައްޗަށް ކުޑަ ކުރެވިފައިވާ ކުޑަކުޑަ ސިޓީބިޓީގަނޑެއްގެ ދަރަޖައިގައެވެ. ދުވަހުން ދުވަހަށް ހިނގާ އިދާރީ ހިންގުމުގެ ކޫސަނިމޫސަނި ކަންކަމަށް މުޅި އަހަންމިއްޔަތުކަން ހުއްޓި، ތަރައްޤީއާއި، ތަހުޒީބާއި، ތަމައްދުނުގެ ބޮޑު މަންޒަރުން ފޯކަސް ގެއްލި، އަމާޒު ސޮއްސާލައިގެން ގޮސް ވިއްސިވިހާލިވެ، ލަނޑުދަނޑިއެއް، މޭޔަރެއް، މާލިމީއެއް ނެތި ހޭރިޔާކުރާ ފަރަށް އުރިފައިވާ އޮޑިއެއްގެ މަންޒަރު
ގްރޭޓަރ އައްޑޫގެ މަޤްސަދަކީ މި މަންޒަރު ބަދަލުކުރުން
ގްރޭޓަރ އައްޑޫގެ އަމާޒަކީ އިދާރީ ހިންގުމުގެ އޮނިގަނޑުގެ މަރުތަޅުން ނެއްޓި، ސާބިތުކަމާއިއެކު ހަމަފައި މައްޗަށް ތެދުވެ - ތަރައްޤީއާއި، ތަމައްދުނުން ފުރިފައިވާ، ފުއްދުންތެރި، ބާރުވެރި، ރައްޔިތެއްގެ ބެލެނިވެރިކަމުގައި ބައްޓަންކުރާ ތަހުޒީބީ ސިޓީއެއް ބިނާކުރުންމަތީ - ހިންދެމިލުން
ވަޢުދު
މިއަދު އައްޑޫ އޮތީ އަމިއްލަވަންތަ މިސްރާބަކަށް އަމާޒު ހިފަންޖެހިފައިވާ މުހިންމު ދަނޑިވަޅެއްގައެވެ. ސިޓީގެ އޮނިގަނޑަށް އަންނަ ބަދަލަކާއިއެކު، އައްޑޫގެ ސިފަތަކާއި އަސާސްތަކާއިމެދު ދެކޭ ގޮތް ކިލަނބުވެގެން ނުވާނެއެވެ. އައްޑޫގެ ތާރީޚަކީ - އޭގެ އެންމެހައި ކުލަތަކާއި ރަހަތަކާއި އެކު - ކުރިމަތިނުލައި ދޫކޮށްލަން ނުވަތަ ހުއްޓުމެއްނެތް ބަހުސަށް ދޫކޮށްލަން ވާވަރު އެއްޗެއް ނޫނެވެ. އެއީ ރައްކާތެރިކޮށް، ފަހުމުވެ، ދެނެގަނެ، އޭގެ މަތީ އާރާސްތު ކުރަން ޖެހޭ އެއްޗެކެވެ. އައްޑޫގެ ތާރީޚް ރައްކާކުރާނެ ޚާއްޞަ މަރުކަޒެއް ޤާއިމްވެފައި ނެތްތަނުގައި، ކުރިމަގަށް ދިރާސާކުރާނެ މަރުކަޒެއް ދުވަހަކުވެސް ވުޖޫދުވެފައެއް ނުވެއެވެ. "ގްރޭޓަރ އައްޑޫ" ތަޞައްވުރުގެ އެއް އަމާޒަކީ، މި އުނިކަން ފޫބައްދައި، އައްޑޫގެ މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭނެ ފަދަ ޢިލްމީ ބިނާއެއް ވުޖޫދަށް ގެނައުމެވެ.
އައްޑޫގެ ފަތުރުރުވެރިކަން ތަރައްޤީ ކުރެވިގެންދާއިރު، ޒިޔާރަތްކުރާ ފަތުރުވެރިންނަށް މުޅި ސިޓީ ތަޖުރިބާކޮށްލުމުގެ ފުރުސަތު އޮތުން މުހިންމެވެ. ފަތުވެރިކަމުގެ މަންޒިލެއް ހެދުމައްޓަކައި، ރީތިކޮށް އަޅާފަހުރި ކޮޓަރިތަކަކުން ފުއްދައެއް ނުލެވެއެވެ. އެއާއެކު، ޒިޔާރަތްކުރާ މެހެމާނުންނަށް ސީޓީ ތެރޭގައި ފަސޭހަކަމާއިއެކު ދަތުރުކުރެވި، ސިޓީގެ ޚާއްސަ ތަންތަނާއި ކަންކަން ތަޖުރިބާކުރެވި، ސިޓީއާއި، ސިޓީގެ އަމިއްލަވަންތަކަމާއި ގުޅުވައިދިނުން މުހިންމެވެ. އައްޑޫގެ ޖިއޯގްރަފީއާއި، ގުޅިފައިވާ ރަށްތަކާއި، ތާރީޚީ ތަރިކައަކީ މި މަންޒިލް ކުރިއެރުވުމަށް އޮތް ވަރުގަދަ ބިންގަލެކެވެ. މި ދާއިރާއިން ދެން އެންމެ މުހިންމީ، ގުޅިލާމެހިފައިވާ ފަތުރުވެރިކަމުގެ ވެއްޓެއްގެ ތެރެއިން، އަމާންކަމާއި ފަސޭހަކަމާއެކު މުޅި އައްޑޫ ތަޖުރިބާކުރެވޭނެ އިންތިޒާމުތަކެއް ޤާއިމުކުރުމެވެ. އަދި ދެކުނުގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް އުފެއްދުމެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ފަތުރުވެރިންނަށް އެއް އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަކަން ލިބި، އައްޑޫގެ މުއްސަނދި ސަގާފަތާއި، އާދަކާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި ގާތުން ދެނެގަތުމުގެ ފުރުސަތު ކަށަވަރުވާނެއެވެ. އަދި މިނިޒާމުން މުޅި ދެކުނުގެ ފަތުރުވެރިކަން އެއް ވިއުގައަކުން ގުޅުވާލަދޭނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި އައްޑޫސިޓީން ދިގު ތާރީޚެއް ހިއްސާކުރި ނަމަވެސް، ފަންނީ އަދި އިދާރީ ގިނަ ވަޒީފާތައް މީހުން ދިރިއުޅޭ ރަށްތަކާ ދުރުގައި ހުރުމަކީ އައްޑޫގެ ހުނަރުވެރި ޒުވާނުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން ވަޒީފާގެ ކުރިމަގަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް ދިއުމަށް ގިނަ ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ. ޒަމާނީ ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއެކު، ހުރިހާ ވަޒީފާތަކަކީ ރިސޯޓުތަކުގައި ތިބެގެން އަދާކުރަންޖެހޭ ވަޒީފާތަކެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ފަންނީ އަދި އިދާރީ މަސައްކަތްތައް ބިނާކުރަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޚާއްސަ މަރުކަޒުތަކުގައެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެ، މުވައްޒަފުންނަށް ލުއިފަސޭހަކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މި ތަސައްވުރުގެ އަމާޒަކީ ރިސޯޓުތައް އެކި ސަރަހައްދުތަކުގައި ހިންގި ނަމަވެސް، އެ ތަންތަނުގެ އިދާރީ އަދި ފަންނީ މަސައްކަތްތައް އައްޑޫސިޓީގައި ގާއިމުކުރެވޭ މަރުކަޒުތަކަށް ބަދަލުކުރުމެވެ. މީގެ ސަބަބުން އައްޑޫގެ ދަރީންނަށް އަމިއްލަ ރަށުގައި ތިބެގެން، އާއިލާއާ ގާތުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ.
ވަޒީފާގެ ފުރުޞަތުތަކާއި މަތީ ތަޢުލީމު ފަދަ ޒަރޫރީ ބޭނުންތަކަށްޓަކައި، އައްޑޫ ސިޓީގެ ރައްޔިތުން އުފަން ރަށް ދޫކޮށް ހިޖުރަކުރަމުންދާތާ މިވަނީ ގިނަ އަހަރުތަކެއް ވެފައެވެ. އައްޑޫގެ އަސްލު އާބާދީގެ ބޮޑު އިންސައްތައެއް މިއަދު ދިރިއުޅެމުންދަނީ ރަށުން ބޭރުގައެވެ. މި ހިޖުރަކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސިޓީގެ ތަރައްޤީއަށް ބޭނުންވާނެ ޒުވާން ހަކަތައާއި، ފަންނީ ހުނަރުވެރިންނާއި، ތަޢުލީމީ ޤާބިލުކަން ރަށަށް ލިބުމަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ތަސައްވުރުގެ މަޤްޞަދަކީ، ރަށުން ބޭރުގައި ދިރިއުޅޭ އައްޑޫގެ ދަރިންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެ ފަރާތްތަކުގެ ތަޢުލީމީ ޤާބިލުކަމާއި މަސައްކަތުގެ ތަޖުރިބާގެ މަންފާ ސިޓީއަށް ލިބޭނެ މަގުތައް ފަހިކުރުމެވެ. މީގެ އިތުރުން، އައްޑޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގައި އެފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކޮށް، ރަށަށް ޚިދުމަތް ކުރުމަށްޓަކައި އެނބުރި އާދެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ބިނާކުރުމެވެ.
މި ތަސައްވުރުގެ އަމާޒަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް ބަދަލު "މޯލްޑިވްސް 2.0" އިސްވެ ތަންފީޒުކުރާ އާރުކާޓީއަކަށް އައްޑޫ ސިޓީ ހެދުމެވެ. އަދި އައްޑޫ ސިޓީއަކީ ޒަމާނީ އީޖާދީ ޚިޔާލުތަކަށް ފަހި، އިންވެސްޓަރުންނަށް އިތުބާރުހުރި މާހައުލެއް އޮތް، ރާއްޖޭގެ ފުރަތަމަ ނަމޫނާ ސިޓީއަށް ހެދުމެވެ.
މި ތަސައްވުރުގެ ބޭނުމަކީ، މުސްތަޤްބަލުގައި ކަނޑާއި ވައިގެ މަގުން މި ސަރަހައްދަށް ލިބޭނެ ފަހި ފުރުޞަތުތަކަށް އައްޑޫ ފުރިހަމައަށް ތައްޔާރުކުރުމެވެ. މިއީ ހަމައެކަނި ބަނދަރެއް ނުވަތަ އެއާޕޯޓެއް ބިނާކުރުމުގެ ވަޢުދެއް ނޫނެވެ. މިއީ އައްޑޫގެ އުޖާލާ މުސްތަޤްބަލަށްޓަކައި ވެވޭ ވަރުގަދަ ތައްޔާރީއެކެވެ.
އައްޑޫގެ މުސްތަގްބަލް ބިނާކުރުމަށް ޚިދުމަތްކުރާ ވިސްނުންތެރިން، ބިނާކުރާ ފަރާތްތައް، އަދި ތާއިދުކުރާ ފަރާތްތަކުގެ ގުޅިލާމެހިފައިވާ ޓީމެއް.
މުޝްރިފް ޢަލީ
މޭޔަރު ކަމަށް
އާމިނަތު އީނާ
އތމ ކޮމިޓީގެ ރައީސް ކަމަށް
ޢަބްދުﷲ އުމައިޝް
ކައުންސިލް މެންބަރުކަމަށް / ހިތަދޫ ރަސްގެދަރަ ދާއިރާ
ޝެރީނާ ޞާލިޙް
ކައުންސިލް މެންބަރުކަމަށް / ހިތަދޫ ބޭރުމަތި ދާއިރާ
ޙުސައިން ޝަރީފު (މިސްރު)
ކައުންސިލް މެންބަރުކަމަށް / ހިތަދޫ ކޮރޮވައު ދާއިރާ
ފާޠިމަތު ރަޝީދާ (ލަޔާލީ)
ކައުންސިލް މެންބަރުކަމަށް / ހިތަދޫ މާމެންދޫ ދާއިރާ
އަޙްމަދު ސަޢީދު
ކައުންސިލް މެންބަރުކަމަށް / ހިތަދޫ މޫލެކެޑެ ދާއިރާ
ނާތިޖް ޢަލީ
ކައުންސިލް މެންބަރުކަމަށް / ހިތަދޫ މެދެވައު ދާއިރާ
ޢާއިޝަތު ޝަޒްލާ
ކައުންސިލް މެންބަރުކަމަށް / މަރަދޫ ދާއިރާ
އިބްރާހީމް މޫސާ (ޢަސްއަދު)
ކައުންސިލް މެންބަރުކަމަށް / މަރަދޫ ފޭދޫ ދާއިރާ
އާމިނަތު ހަމްޒޫނާ
ކައުންސިލް މެންބަރުކަމަށް / ފޭދޫ މަގުއްދޫ ދާއިރާ
އިބްރާހީމް ނަޖީޢު
ކައުންސިލް މެންބަރުކަމަށް / ފޭދޫ މާދެލަ ދާއިރާ
ޝިފާޒާ ލަޠީފު
އތމ ކޮމިޓީގެ މެންބަރުކަމަށް (ހިތަދޫ ރަސްގެދަރަ ދާއިރާ)
ފާޠިމަތު ހީނާ
އތމ ކޮމިޓީގެ މެންބަރުކަމަށް (ހިތަދޫ ބޭރުމަތި ދާއިރާ)
ފާޠިމަތު ޝުހުދާ
އތމ ކޮމިޓީގެ މެންބަރުކަމަށް (ހިތަދޫ ކޮރޮވައު ދާއިރާ)
ފާޠިމަތު ފައިނާނު އަޙްމަދު
އތމ ކޮމިޓީގެ މެންބަރުކަމަށް ( ހިތަދޫ މާމެންދޫ ދާއިރާ)
ފާޠިމަތު ނަޒީޙާ އަޙްމަދު
އތމ ކޮމިޓީގެ މެންބަރުކަމަށް (ހިތަދޫ މޫލެކެޑެ ދާއިރާ)
ޢާއިޝަތު ޖުނީނާ ޢަލީ
އތމ ކޮމިޓީގެ މެންބަރުކަމަށް (ހިތަދޫ މެދެވައު ދާއިރާ)
ފާޠިމަތު ފަރުސީނާ
އތމ ކޮމިޓީގެ މެންބަރުކަމަށް (މަރަދޫ ދާއިރާ )
ފާޠިމަތު ޝިޒުނާ
އތމ ކޮމިޓީގެ މެންބަރުކަމަށް (ފޭދޫ މަގުއްދޫ ދާއިރާ)
ޚަދީޖާ ހުދާމު
އތމ ކޮމިޓީގެ މެންބަރުކަމަށް (ފޭދޫ މާދެލަ ދާއިރާ)
މަރްޔަމް އަމްސޫދާ
އތމ ކޮމިޓީގެ މެންބަރުކަމަށް ( މަރަދޫފޭދޫ ދާއިރާ)